
ހަސަން އިޔާން - 09 ސެޕްޓެމްބަރު 2026 - 13:07
ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުޢާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ރިޕޯޓުކުރުމަށް ހާއްސަކޮށްފައިވާ ހޮޓްލައިނަށް މިހާތަނަށް 65 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކަމާބެހޭ ޓާސްކްފޯހުގެ ހޮޓްލައިނަށް ލިބުނު މެސެޖުތަކުގެ ތެރޭގައި، ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ހިންގާ 27 ބިދޭސީއެއްގެ މައުލޫމާތު ހިމެނޭ ކަމަށެވެ.
މީގެއިތުރުން، އެއްވެސް ހުއްދައެއް ނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 18 ތަނަކާއި، ކަނޑައެޅިފައިވާ އަގަށްވުރެ ބޮޑު އަގުގައި މި ވިޔަފާރި ހިންގަމުންދިޔަ 4 ތަނެއްގެ މައުލޫމާތު ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ގަވާއިދާ ހިިލާފަށް މިފަދަ މުއާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްސީލު ވެސް ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
މި މައްސަލަތަކާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލު ދެމުން ފުލުހުން ހާމަކުރި ގޮތުގައި، ލިބުނު މައުލޫމާތުތަކަށް ބިނާކޮށް މިހާތަނަށް އެއް ބިދޭސީއަކު އިމިގްރޭޝަންގެ ބަލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ރިޕޯޓުކުރެވިފައިވާ އެހެނިހެން ފަރާތްތަކާ ގުޅޭ މައުލޫމާތުތައް އިތުރަށް ކަށަވަރުކުރުމަށާއި، ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް، ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.